ހެންވޭރު ސޯސަން މަގު ހިމެނޭ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން ކުރިމަތިވާ ގޯނާތަކާއި އުނދަގޫތަކަށް ހައްލެއް ހޯދުމަށް ގޮވާލައި މިއަދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، 14 ގަޑިއިރު ފަހުން އާއިލާއާ އެކު މަޖީދީ މަގަށް ބަދަލުކޮށްގެން ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ހަޅުތާލު އިސްވެ ކުރިއަށްގެންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދެވެ. އޭނާ މި އިހުތިޖާޖު ފުރަތަމަ ފެށީ ހެންވޭރުގައި ހުންނަ ފުލުހުންގެ އާދަމް ހަލީމް ބިލްޑިންގައެވެ. ނަމަވެސް އެ އިމާރާތުން ނުކުތުމަށް ފުލުހުން އެންގުމާ ގުޅިގެން، ހަޅުތާލު މަޖީދީ މަގަށް ބަދަލުކުރީއެވެ.
މި މައްސަލައިގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ ފައިރިޝް ނަމަކަށް ކިޔާ މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް، މައްސަލަތައް ހައްލުކުރުމަށް އޮންނަ ދައުލަތުގެ ނިޒާމަށް އިތުބާރެއް ނެތް ކަމަށް ބުނެ، އޭނާ ހައްޔަރުކުރުމުން ވެސް ހަޅުތާލު ހުއްޓާލުމަށް ފުލުހުން އެދުނު އެދުމަށް ސައީދު ވަނީ ދެކޮޅު ހަދާފައެވެ.

ފުލުހުން ބުނިގޮތުގައި، މީގެކުރިން ވެސް ގާތްގަނޑަކަށް 30 ފަހަރު އޭނާ ހައްޔަރުކޮށް އެކި ފިޔަވަޅުތައް އަޅާފައިވެއެވެ.
ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ފައިރިޝް ފުރައްސާރަކޮށް، ހަޅޭއްލަވައި އެއްޗެހި އުކާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މީގެއިތުރުން އިޖުތިމާއީ މިންގަނޑާ ޚިލާފު ހެދުން އަޅައިގެން މަގުމައްޗަށް ނުކުމެ އުޅޭ މައްސަލަ ވެސް ވަނީ ފާހަގަވެފައެވެ.
ސައީދު ބުނި ގޮތުގައި ފައިރިޝްގެ ފަރާތުން އުނދަގޫތައް ފޯރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފުލުހުންނަށް ތަކުރާރުކޮށް ހެކި ހުށަހަޅައި ރިޕޯޓުކުރި ނަމަވެސް އެއްވެސް ނަތީޖާއެއް ނުނުކުތެވެ. އަދި މި މައްސަލައިގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާއިރު، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފައިވަނީ އޭނާއަކީ އެތަނުގެ މިންގަނޑަށް ފެތޭ މީހެއް ނޫން ކަމަށެވެ.
އަދި ނަފްސާނީ ބަލިތަކަށް ފަރުވާކުރާ ސެންޓަރުން އޭނާއަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ނޫން ކަމަށް ބުނެފައިވާއިރު، އެކަށީގެންވާ ހެކި ނެތުމުން ކޯޓަށް މައްސަލަ ނުފޮނުވޭނެ ކަމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަމަށް ވެސް ސައީދު ބުންޏެވެ.




