ދައުލަތުގެ ތިން ބާރުގެ އޮފީސްތައް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ، ސޯޝަލް މީޑިއާގައި ވާހަކަދެއްކި މައްސަލާގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ޒިހާން ހައްޔަރުކޮށްފައިވަނީ އޭނާ ނިސްބަތްވާ ޏ. ފުވައްމުލަކުގައި ހުއްޓާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ގޮވާލައި އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ދައުލަތުގެ 3 ބާރުގެ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށް ބުނެފައިވެއެވެ. އަދި އެ ތަންތަނުގައި ރޯކޮށްލުމަކީ ’މަޖާ‘ ކަމަކަށް ވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.



