ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ނިންމާފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހާމަކުރައްވައިފިއެވެ.
ބޮޑުވަޒީރު މިކަން އިޢުލާނުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައެވެ.
މި އެހީގެ ދަށުން ރާއްޖެއަށް ގަހުގެ ކުރިކޮޅާއި އޮށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި މި އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އަޚުވަންތަ ޤައުމު ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ހަރަކާތް ކުރިއެރުވުމަށް އެހީތެރިވުމަށްވެސް އަޅުގަނޑުމެން ވަނީ އެއްބަސްވެފައި. އެކަމަށްޓަކައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން 100،000 ޒައިތޫނި ގަހުގެ ކުރިކޮޅާއި އަދި ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި، މާމެލާމެލީގެ 100،000 އޮށް ހަދިޔާ ކުރާނެކަން އުފަލާއެކު އިއުލާންކުރަން،“ ބޮޑުވަޒީރު ވިދާޅުވިއެވެ.
ގަސް އިންދުމުގެ ޕްރޮގްރާމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާތަކާ އެއްގޮތަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ތައްޔާރަށް އޮތްކަންވެސް ބޮޑުވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ ތަޖުރިބާ ހިއްސާކުރަން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ. ޕާކިސްތާނުގައި މިހާރުވެސް ބައި މެގަވޯޓުން ފެށިގެން 8.5 މެގަވޯޓާ ދެމެދުގެ ޑޭޓާ ސެންޓަރުތައް ޤާއިމުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޖުމްލަ 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކޮށްފައިވެއެވެ.
އޭގެ ތެރޭގައި ވިޔަފާރިއާއި، ޞިއްޙަތު އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.



