ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ (ޑްރެޕް) އަށް ޒިޔާރަތްކުރައްވައިފިއެވެ.
އެކަމަނާ މި އިދާރާއަށް ޒިޔާރަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މީގެއިތުރުން، ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށްވެސް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ފަސްޓް ލޭޑީ ވަނީ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ބައްލަވާލައްވައި، ޕާކިސްތާނުގައި ބޭސް ރެގިއުލޭޓްކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތް އޮޅުންފިލުއްވާފައެވެ. އަދި އާންމު ސިއްޙަތު ކުރިއެރުވުމާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެ އޮތޯރިޓީގެ ފަރާތުން އެކަމަނާއަށް ވަނީ އަރުވާފައެވެ.
ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަކީ 2012 ވަނަ އަހަރު ޑްރެޕް ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ޤާއިމުކޮށްފައިވާ މި އިދާރާއިން މައިގަނޑު ގޮތެއްގައި ބަލަހައްޓަނީ އެ ޤައުމުގައި ބޭނުންކުރާ ބޭހާއި މެޑިކަލް ވަސީލަތްތަކުގެ ފެންވަރާއި، އަދި ސިއްޙީ ޚިދުމަތްތަކުގައި ބޭނުންކުރާ ސާމާނުގެ ރައްކާތެރިކަމެވެ.


