ބޯކޮށް ވާރެ ވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު ނެރެފިއެވެ.
މެޓް އިން ނެރުނު އޮރެންޖް ސަމާލުގައި ބުނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އިން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 22:30 އަށެވެ.
މިފަދަ އިންޒާރެއް މެޓް އިން ނެރުނުއިރު، މިހާރުވެސް އެ ސަރަހައްދަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެށް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިހަފުތާ ބަންދަށް ދެމިގެން ދާނެ ކަމަށެވެ.
މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ޖެހެމުންދާނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.


