ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމަށާއި ތިމާވެށީގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 2,463,339 ގަސް އިންދައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް އެންމެ ގިނަ ގަސް އިންދާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.
އެގޮތުން ރިސޯޓުތަކުން އެކަނިވެސް 1,222,991 ގަސް އިންދާފައިވާއިރު، ރިސޯޓުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ 881,223 ގަސް އިންދި ރޯޒްވުޑް ރިސޯޓެވެ. ދެވަނައަށް އެންމެ ގިނަ ގަސް އިންދާފައިވަނީ ރަށްރަށާއި ސިޓީ ކައުންސިލްތަކުންނެވެ. ކައުންސިލްތަކުން ޖުމްލަ 566,555 ގަސް އިންދާފައިވާއިރު، ވަކިވަކި ކައުންސިލްތަކުގެ ތެރެއިން އެންމެ ގިނަ ގަސް އިންދާފައިވަނީ ކ. ކާށިދޫ ކައުންސިލުންނެވެ. އެއީ 30,000 ގަހެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ 414,911 ގަސް އިންދާފައެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ގަސް އިންދާފައިވަނީ އެޗްޑީސީންނެވެ. އެ ކުންފުނިން 210,270 ގަސް އިންދާފައިވާއިރު، ސްޓެލްކޯއިން 129,902 ގަސް އަދި އެމްއޭސީއެލްއިން 40,878 ގަސް އިންދާފައިވެއެވެ. އަދި ސްކޫލްތަކުން 189,965 ގަސް އިންދާފައިވާއިރު، އަމިއްލަ ވިޔަފާރިތަކާއި ޖަމްޢިއްޔާތަކުން 42,349 ގަސް ވަނީ އިންދާފައެވެ. މީގެ ތެރޭގައި އެސްޑީއެމް ފާމުން އިންދި 30,000 ގަހާއި، ކްލީން މޯލްޑިވްސްއިން އިންދި 9,750 ގަސް އަދި އުރީދޫ މޯލްޑިވްސްއިން އިންދި 2,569 ގަސް ހިމެނެއެވެ.
ސަރުކާރުގެ ވުޒާރާތަކާއި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ޤައުމީ ޖަމްޢިއްޔާތައް ގުޅިގެންވެސް 25,973 ގަސް ވަނީ އިންދާފައެވެ.
ގަސް އިންދުމަށް އެކި ފަރާތްތަކުން ވެފައިވާ ވައުދުތަކަށް ބަލާއިރު، އެންމެ ބޮޑު ވައުދެއް ވެފައިވަނީ 1,478,244 ގަސް އިންދުމަށް ވައުދުވި ރޯޒްވުޑް ރިސޯޓުންނެވެ. އަދި އެޗްޑީސީ އާއި އެމްޕީއެލްއިން ކުރެ ކޮންމެ ކުންފުންޏަކުން 1,000,000 ގަސް އިންދަން ވައުދުވެފައިވާއިރު، އެސްޑީއެމް ފާމުން 750,000 ގަސް، ވެމްކޯއިން 550,000 ގަސް، ސްޓެލްކޯއިން 500,000 ގަސް އަދި އެސްއޭއެސްއީން 384,168 ގަސް އިންދުމަށް ވަނީ އެއްބަސްވެފައެވެ. މިހާތަނަށް އިންދިފައިވަނީ އެކި ފަރާތްތަކުން ވައުދުވެފައިވާ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް 39 އިންސައްތައެވެ. އެހެންކަމުން ސަރުކާރުގެ 5 މިލިޔަން ގަހުގެ ޓާގެޓަށް ވާސިލުވުމަށް އަދިވެސް ގާތްގަނޑަކަށް 2.54 މިލިޔަން ގަސް އިންދަން ޖެހެއެވެ.
މި މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާކޮށް އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ގަސް ހެއްދުމަށް ބޭނުންވާ ނާސަރީ އެޅުމަށް ރާއްޖޭގެ 10 ރަށަކަށް ގްރާންޓް ދޫކޮށްފައިވާއިރު، ހުޅުމާލޭގައި ޚާއްޞަ ’ގްރީން ނާސަރީއެއް‘ ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
މީގެ އިތުރުން ރާއްޖޭގެ އަވައްޓެރި ޤައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނުންވެސް ވަނީ މި ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ގަހާއި މުޑުވަށް ހަދިޔާކޮށްފައެވެ.


