ޗައިނާގެ ޓިބެޓަށް އައި ރެކްޓާ މިންގަނޑުން 7.0 ގެ ބާރުގަދަ ބިންހެލުމެއްގައި 16 މީހުން މަރުވެ، 32 މީހުންނަށް އަނިޔާވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އައި މި ބިންހެލުމުގައި 300 އަށް ވުރެ ގިނަ ގެ ވަނީ ވެއްޓިފައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ މައި މަރުކަޒު ހުރީ ނަގްކޫގެ އިރު-އުތުރުން ގާތްގަނޑަކަށް 190 ކިލޯމީޓަރު ދުރުގައި، އަދި ޓިބެޓުގެ ވެރިރަށް ލާސާގެ އުތުރު-އިރުމަތިން 390 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދެއްގައެވެ.
މި ބިންހެލުމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އެ ސަރަހައްދުގައި ލެވެލް ދޭއްގެ އިމަޖެންސީ ރެސްޕޮންސް އިއުލާނުކޮށްފައެވެ.
މި ބިންހެލުމުގެ ސީދާ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ބާކެން ކައުންޓީގެ މާރޫ ޓައުންޝިޕަށެވެ. އެ ޓައުންޝިޕްގެ ޑެޕިއުޓީ ހެޑް ލަވަންގް ޑަގްޕޯ ވިދާޅުވި ގޮތުގައި، ޓައުންޝިޕް އޮފީހަށް ބިންހެލުމުގެ ގަދަ ލޮޅުންތައް އިހުސާސްކުރެވި، އިމާރާތުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ވަނީ ލާފައެވެ. މީގެ އިތުރުން، ބާކެން ކައުންޓީ ސަރަހައްދުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކަމާބެހޭ އޮފިޝަލުން މިހާރު ގެންދަނީ ލިބުނު ގެއްލުންތައް ވަޒަންކުރަމުންނެވެ. އަދި ގެއްލުން ލިބުނު ފަރާތްތައް ސަލާމަތްކުރުމަށާއި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.
ޗައިނާއަކީ އާންމުކޮށް ބިންހެލުންތައް އަންނަ ގައުމެކެވެ. އެގޮތުން ޖެނުއަރީ 2025 ގައިވެސް ޓިބެޓުގެ ރަށްފުށުގެ ސަރަހައްދެއް ކަމަށްވާ ޓިންގްރީ ކައުންޓީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 126 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.



