ހުޅުމާލެ ފޭސް ދޭއްގެ ހިޔާ އެޕާޓްމެންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނީ ، އަލިފާން ރޯވެފައިވަނީ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގައި ކަމަށެވެ.
މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ވަނީ ގެއްލުންވެފައެވެ. އަދި މުޅި ގޭތެރޭގައި ދުމުގެ އަސަރު ބޮޑަށް ހުރުމުގެ ސަބަބުން، އެ އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ 4 މީހުންނަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ.

މީގެ އިތުރުން އެ އާއިލާއަށް 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމުވެސް އެންޑީއެމްއޭގެ ފަރާތުން ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން އަނިޔާއެއް ލިބިފައެއް ނުވެއެވެ.



