އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ދެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި މަސައްކަތްތައް ނިމުމާއެކު އައު މެޓް އޮފީހާއި ރާޑަރު ބެހެއްޓުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ގަން އެއާޕޯޓުގައި އަލަށް ޤާއިމުކުރާ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން މިހާރަށްވުރެ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ކުރިއާލައި ދެނެގަނެ، އާންމު ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ބަހައްޓާ ވަސީލަތެކެވެ. ހަމައެއާއެކު، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައިވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، ދެކުނުގެ ސަރަޙައްދުގައި މޫސުމީ މަޢުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ އައު ޢިމާރާތެއް ގަން އެއާޕޯޓުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވަނީ 2025 ޑިސެމްބަރު 23 ގައެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.



