މިރޭ ޕްރިމިއާ ކުރާ އާ ފިލްމު ”މަޖުނޫން“ ރިލީޒް ކުރުމުގެ ކުރިން ސްކްރީނުން ބަލާލުމަށްފަހު، މިއީ އަނެއްކާވެސް ދިވެހި ސިނަމާގެ ތާރީޚުގައި ލިޔެވިގެންދާނެ ވަރުގެ ފިލްމެއް ކަމަށާއި އެހެން އެއްވެސް ފިލްމަކާ މެދު ނެތް ވަރުގެ ބޮޑު ޔަގީންކަމެއް މި ފިލްމާ މެދު އެބައޮތް ކަމަށް ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާތިމަތު ނަހުލާ ބުނެފިއެވެ.
ފިލްމުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ބޭއްވި ޕްރީ ސްކްރީނިންއަށް ފަހު ޝުއޫރު ފާޅުކުރަމުން ނަހުލާ ބުނީ، މިއަދު އޭނާގެ ހިތް އުފަލުން ފުރިފައިވާ ކަމަށެވެ. އަދި އޭނާ މިހާތަނަށް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާނެ ފިލްމަކީ ވެސް ”މަޖުނޫން“ ކަމަށް ލަފާކުރެވޭ ކަމަށް ފާހަގަކުރަމުން، ފިލްމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށް ވެސް ނަހުލާ ވަނީ ބުނެފައެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމަކީ އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އުފެއްދުމެކެވެ. މީގެ ކުރިންވެސް ކާމިޔާބު އެތައް ލޯބީގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާ ފާހަގަކުރި ގޮތުގައި، މި ފަހަކަށް އައިސް ދިވެހި ސްކްރީނުން ނުފެންނަ ވަރުގެ ފުން އަދި ފުރިހަމަ ރޮމޭންސެއް މި ފިލްމުން ފެނިގެންދާނެއެވެ.
މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އަހްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ، މުހައްމަދު މަނިކު، ލާލީ އަދި އެވްލީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ސެޕްޓެމްބަރު 22 ގައި މި ފިލްމުގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، ޓްރެއިލާ އާއި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މިރޭ އޮލިމްޕަހުގައި ފިލްމު ޕްރިމިއާ ކުރުމަށް ތައްޔާރުވަމުން އަންނައިރު، ފިލްމުގެ ގިނަ ޝޯތަކެއް މިހާރުވެސް ވަނީ ފުލްވެފައެވެ.
ފިލްމުގެ ޓިކެޓް 7844422 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޓީމުން މައުލޫމާތުދެއެވެ.



