ވިޔަފާރި އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، ސަވައިލަންސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ އެ އޮތޯރިޓީގައި ދަފްތަރުކޮށްގެން އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށެވެ.
އެގޮތުން އަންނަ މަހުގެ 5 އިން 20 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް ޒިޔާރަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މިއަހަރުގެ ޖޫން މަހު ވަނީ ގަވާއިދެއް އެކުލަވާލާފައެވެ. މި ގަވާއިދުގައިވާ ގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ ޚާއްޞަ ފުޑް-ގްރޭޑް މެޓީރިއަލްގައެވެ. އަދި ކާބޯތަކެތި އެޅުމަށް ޚާއްޞަ ނޫން ކަންވާރުތަކާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕީއީޓީ ފުޅި ފަދަ ޕްލާސްޓިކް ފުޅިތަކުގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން ކެފޭ، ރެސްޓޯރެންޓް އަދި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގެ އިންތިޤާލީ އުސޫލު ބަޔާންކުރާ ގަވާއިދެއް އެމްއެފްޑީއޭއިން 2024 ވަނަ އަހަރު ވަނީ އާންމުކޮށްފައެވެ.
މި ގަވާއިދުގެ ދަށުން މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނާއި ވަގުތީ މާރުކޭޓުތަކާއި ގާޑިޔާތައް ރަޖިސްޓަރީކުރުން ލާޒިމު ނޫން ނަމަވެސް، އެ ތަންތަނުން ވެސް ކާބޯތަކެތި އުފައްދައި ވިއްކަންވާނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.



