އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްބޭފުޅުންނާއި، އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ އަދި އެ ކޮމިޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައިޓެކް ޕްރޮގްރާމަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން ހިންގާ، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ޕްރޮގްރާމެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މި ޕްރޮގްރާމްތަކުގެ އެހީގައި ރާއްޖޭގެ އެތައް ހާސް ބަޔަކު ވަނީ ތަފާތު ދާއިރާތަކުން ތަމްރީނު ހޯދާފައެވެ.
އެގޮތުން، ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ޚާއްޞަކޮށް ހިންގުމުގެ ދާއިރާއާއި، ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ އަދި މީޑިއާ ފަދަ ދާއިރާތަކުން ގިނަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަންގެ 1269 މުވައްޒަފަކަށް ހެޔޮވެރިކަމުގެ ނިޒާމާ ގުޅޭ ތަމްރީނު ދީފައިވާއިރު، ހަމަ އެ އަހަރުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 360 އޮފިސަރަކަށް ކަސްޓަމްސްގެ އާންމު އަދި އަލަށް ތަޢާރަފުވަމުންދާ ދާއިރާތަކުން ވަނީ ތަމްރީނު ފޯރުކޮށްދީފައެވެ.
މީގެ އިތުރުން 2020 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ޕްރޮގްރާމްތަކުގެ ދަށުން ޝަރުޢީ ދާއިރާގެ 323 ފަނޑިޔާރުންނާއި މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
އަދި 2022 ވަނަ އަހަރުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލޯކަލް ގަވަމަންޓްގެ 334 މަންދޫބަކު ތަމްރީނުކުރެވިފައިވާއިރު، 2014 ވަނަ އަހަރުން ފެށިގެން ހިންގާ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފްގެ 1948 އޮފިސަރަކު ވަނީ ތަމްރީނު ހާސިލުކޮށްފައެވެ.
1964 ވަނަ އަހަރު ތަޢާރަފުކުރި އައިޓެކް ޕްރޮގްރާމަށް މިހާރު 62 އަހަރު ފުރިފައިވާއިރު، މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ 160 އަށްވުރެ ގިނަ ޤައުމަކުން 200,000 އަށްވުރެ ގިނަ ފަންނީ މީހުން މިހާތަނަށް ތަމްރީނުކޮށްފައިވާކަމަށް އިންޑިއަން ހައިކޮމިޝަނުން ހާމަކުރެއެވެ.
އިންޑިއާގެ 100 އަށްވުރެ ގިނަ މުއައްސަސާއެއްގައި ހިންގާ 400 އެއްހާ ތަފާތު ކޯސްތަކުގެ ތެރެއިން، ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 10,000 ތަމްރީނު ފުރުޞަތު މި ޕްރޮގްރާމުން ފަހިކޮށްދެއެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑިޖިޓަލް ގަވަރނަންސްގެ އިތުރުން ޞިއްޙީ އަދި ސަލާމަތީ ދާއިރާ ފަދަ ޒަމާނީ މުހިންމު ދާއިރާތައް ހިމެނެއެވެ.



