ރާއްޖޭގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، ރީ-އެކްސްޕޯޓްކޮށްގެން މިއަހަރުގެ މިހާތަނަށް 319 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 299 މިލިއަން ޑޮލަރާ އަޅާބަލާއިރު %6.8 ގެ އިތުރުވުމެކެވެ.
ރީ-އެކްސްޕޯޓަކީ ބޭރު ޤައުމުތަކުން ރާއްޖެ ގެންނަ މުދާ، ޓްރާންސިޓްކޮށް އަލުން އެހެން ޤައުމުތަކަށް ބޭރުކުރުމެވެ. ރީ-އެކްސްޕޯޓްގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް އައިސްފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ރާއްޖޭގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފެށުމާ ގުޅިގެންނެވެ. މި ޚިދުމަތަކީ ކަނޑުމަގުން ރާއްޖެ ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވައިދޭ ޓްރާންސިޓް ނިޒާމެކެވެ.
މި ޚިދުމަތާއެކު މިހާތަނަށް 17 އަށްވުރެ ގިނަ އެއާލައިނުން ވަނީ ގުޅިފައެވެ. މީގެ އިތުރުން، މިދިޔަ ޖުލައި މަހު އެކަނިވެސް ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުރިއަރާފައިވާ އަދި އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ހޯދައިދޭ ދާއިރާއެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ މަންޒިލަކަށް ވާތީ، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ރާއްޖެއަށް ވަރަށް ބޮޑަށް އޮތްކަން ސަރުކާރުން ފާހަގަކުރެއެވެ.



