ކުދި ޤައުމުތަކަށް ތަންފީޒު ކުރެވޭފަދަ އިންވެސްޓްމެންޓްތައް ހޯދުމަށް މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތު ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުން ފެށުމުގައާއި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ވަނީ މި ބައްދަލުވުން އެންޓިގާ އެންޑް ބާބިއުޑާއިން ބޭއްވުމަކީ ކުދި ޤައުމުތަކަށް އެންމެ މަތީ ފެންވަރުގައި ބައްދަލުވުންތައް ބޭއްވުމާއި، އިސްނެގުމާއި، އަދި ނަތީޖާ ނެރެދެވިދާނެކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން، ކުދި ޤައުމުތަކުގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މާލީ އެހީތެރިކަމާއި އިންވެސްޓްމެންޓް ފުރުސަތު ހަނިވާކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަދު ވަސީލަތްތަކަށް ބާރުބޮޑުވާކަމީވެސް ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. އިރުތިޝާމް ވިދާޅުވީ މި ގޮންޖެހުންތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީ ދަމަހައްޓައި ވިލުންތެރިކަން ބިނާކުރުމަށް ހުރަސްތައް ކުރިމަތިވާކަމަށެވެ.



