ކުރިއަށްއޮތް 1448 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމް ގުޅިގެން ތަފާތު ތިން މުބާރާތެއް ކުރިއަށްގެންދަން ނިންމައި، އެ މުބާރާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ރޭޑިއޯ ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތްތައް އިފްތިތާހުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދެވެ.
ރަމަޟާންމަހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ދެ މުބާރާތެއް ކުރިއަށްގެންދާއިރު، ދިވެހި އެފްއެމުން ކުރިއަށްގެންދަނީ އެއް މުބާރާތެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނީ ގިނަ އެހުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ”ރޭޑިއޯ ޑްރާމާ“ މުބާރާތާއި ”ކުރު ވާހަކަ“ މުބާރާތެވެ. އަދި 91 މެގަހާޓްސް ދިވެހި އެފްއެމްއިން ތަޢާރަފުކޮށްފައިވަނީ މުޅިން އަލަށް ފަށާ ”ވާހަކައަކީ“ މި މުބާރާތެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރޭޑިޔޯ ޑްރާމާ މުބާރާތަކީ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ އޮފީސްތަކާއި، ޖަމްޢިއްޔާތަކާއި، ތަޢުލީމީ މުއައްސަސާތައް އަދި ކުންފުނިތަކަށް ހުޅުވާލައިގެން، ޑްރާމާ ލިޔުމާއި ހުށަހެޅުމުގެ ފަންނު ދިރުވައި އާލާކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ކުރުވާހަކަ މުބާރާތަކީ 1970 ގެ އަހަރުތަކުން ފެށިގެން ކުރިއަށްގެންދާ އެންމެ ޒަމާންވީ އެއް މުބާރާތެވެ. މި ދެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.
ދިވެހި އެފްއެމުން އަލަށް ތަޢާރަފުކުރި ”ވާހަކަ“ މުބާރާތުގެ މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި ވާހަކަ ކިޔައިދިނުމާއި ހުށަހެޅުމުގެ ހުނަރު ކުރިއެރުވުމެވެ. އަދި މުޖުތަމަޢަށް ފައިދާހުރި މެސެޖުތައް ހިމެނޭ އުފެއްދުންތެރި ވާހަކަތަކަށް ފުރުސަތު ހުޅުވާލުމެވެ.
މި މުބާރާތަށް ނަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 19 ވަނަ ދުވަހެވެ. މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރަންޖެހޭއިރު، މުބާރާތްތަކުގެ ޤަވާއިދު ޕީއެސްއެމްގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.




