ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ދެ ފިރިހެނަކު ކައިވެނިކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.
ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އެފަދަ އަމަލެއް ހިންގުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރި ފަރާތްތަކާއި އެކަން އިންތިޒާމުކޮށްދިން ފަރާތްތަކުގެ އިތުރުން އެ ރިސޯޓަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައަކީ ރާއްޖޭގައި ކުރަން ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށްވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވާތީ، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
ފުލުހުން އިތުރަށް ބުނީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.


