އދ. ދަނގެތީގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް މިއަދު ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ތަރައްޤީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފިއުލް ސްޓޭޝަންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު އެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ މެންބަރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވިއެވެ.

މި މަޝްރޫޢަކީ މަސްވެރިންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކާއި ޝަކުވާތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، މަސްވެރިންނަށާއި ޢާންމު ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.



