ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދާ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަހުގެ 5 އިން 9 އަށް ކުރިއަށްދާ މި ސަމިޓުގައި ރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ އިސް ވެރިންނާއި ދިވެހި މީޑިއާގެ އިސް ފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ.
ޝިންހުއާ ނިއުސް އެޖެންސީއާއި ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ގަވަރމަންޓް ގުޅިގެން ”މީޑިއާ އިން ދަ އިންޓެލިޖެންޓް އޭޖް: ފްރޮމް ކޮންސެންސަސް ޓު އެކްޝަން“ މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓުގައި، ދުނިޔޭގެ 112 ގައުމަކާއި ސަރަހައްދަކުން 330 އަށްވުރެ ގިނަ އިދާރާ ތަމްސީލުކުރާ ގާތްގަނޑަކަށް 500 މަންދޫބުން ބައިވެރިވެއެވެ.
އޭގެ ތެރޭގައި މީޑިއާ އިދާރާތަކާއި، ދިރާސާކުރާ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ހިމެނެއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކުގެ ސަބަބުން މީޑިއާގެ ހިންގުމަށާއި ނޫސްވެރިކަމުގެ މުސްތަގުބަލަށް ކުރާނެ އަސަރުތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ސަމިޓުގެ ފޯރަމެއްގައި ވާހަކަދައްކަވަމުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެއަރޕާސަން އާމިނަތު ނަމްޒާ ވަނީ، އޭއައިގެ ނިޒާމުތައް ބައްޓަންކުރުމުގައި އިންސާނުންނަށް އިސްކަންދިނުމަށާއި، މިފަދަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުންދާ ޑިޖިޓަލް ޒަމާނެއްގައި، ކުދި ގައުމުތަކާއި އެ ގައުމުތަކުގެ މާދަރީ ބަސްތައް އެކަހެރިވެގެން ނުދާނެކަން ކަށަވަރުކުރަންޖެހޭ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ސަމިޓާ ގުޅޭގޮތުން ޝިންހުއާ ނިއުސް އެޖެންސީން ނެރުނު ރިޕޯޓުގައިވެސް ނަމްޒާގެ ވާހަކަފުޅަށް އަލިއަޅުވާލައި، އައު ޓެކްނޮލޮޖީތަކުގެ އުސޫލުތައް އެކުލަވާލުމުގައި ”ގްލޯބަލް ސައުތު“ ނުވަތަ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ދައުރު ފުޅާވަމުން އަންނަކަން ބަޔާންކޮށްފައިވެއެވެ.
މި ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި ކޮމްޕެނީ ސެކްރެޓަރީ އަބްދުﷲ ރަމީޒުގެ އިތުރުން ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު އާސިފް (މޮންދު) ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމަކީ މީޑިއާގެ މުސްތަގުބަލާ ގުޅޭ ބައިނަލްއަގުވާމީ މުހިންމު ނިންމުންތަކުގައި، ޚާއްސަކޮށް ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާއި ޑިޖިޓަލް ވަސީލަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އިއްވުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.
މީގެ އިތުރުން ދުނިޔޭގެ މީޑިއާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެންމެންގެ ބައިވެރިވުން އެކުލެވޭ އިތުބާރުހުރި މީޑިއާ ވެއްޓެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ މެދުވެސް މި ސަމިޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުންދެއެވެ.



