ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން، މަތީ ފަންތީގެ ޚިދުމަތްތަކާއެކު ފަސް ތަރީގެ ފެންވަރުގެ ”މެންހަޓަން ގްރޭންޑް ހޮޓެލް“ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ހުޅުމާލޭގެ ހިތްގައިމު ސަރަހައްދެއްގައި ގާއިމުކޮށްފައިވާ މި ޒަމާނީ ހޮޓަލަކީ ރާއްޖެއަށް އަންނަ ޒިޔާރަތްކުރާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ ޚާއްސަ މަންޒިލެކެވެ.
މި ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ މަތީ ފަންތީގެ ބޭފުޅުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ތަނުން ލިބިގެންދާނެ ޚިދުމަތްތަކުގެ ފެންވަރު މަތިކަމަށާއި، މިއީ ރާއްޖޭގެ އާންމު ހޮޓެލްތަކާ ޚިދުމަތުގެ ގޮތުން ތަފާތު، މަތީ ފަންތީގެ ތަޖުރިބާއެއް ކަށަވަރުކޮށްދޭނެ ތަނެއް ކަމަށް ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފާހަގަކުރެއްވިއެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި، މި ހޮޓާ ހުޅުވުމާއެކު ދައުލަތަށް ޓެކްސްގެ ގޮތުގައާއި އެހެނިހެން މަގުތަކުން އާމްދަނީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 3 މިލިއަން ޑޮލަރު ވަންނާނެއެވެ.
މިއީ މީގެ ދެ ދަހަރެއްހާ ދުވަސް ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފެށި މަޝްރޫއެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މި މަޝްރޫއަށް އައު ދިރުމެއް ލިބުނީ މި ސަރުކާރުން އަމިއްލަ އިންވެސްޓަރަކާ މަސައްކަތް ހަވާލުކޮށް، ބާރުދުވެލީގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުންނެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ފަސް ތަރީގެ ފުރިހަމަ ހިދުމަތްތަކާއެކު ހުޅުވި މި ހޮޓަލުގައި 162 ކޮޓަރީގެ އިތުރުން ތަފާތު ރަހަތަކަށް ހާއްސަ 4 ރެސްޓޯރެންޓާއި، ބައްދަލުވުންތަކާއި ހަފުލާތައް ބޭއްވުމަށް 4 މާލަން ހިމެނެއެވެ. މީގެއިތުރުން، ޒަމާނީ ޖިމަކާއި، ސްޕާ އަދި ސްވިމިންޕޫލްގެ ހިދުމަތް ވެސް ގެސްޓުންނަށް ލިބިގެންދާނެއެވެ.
މި ހޮޓަލުން ސަރުކާރަށް ހާއްސަކޮށްފައިވާ 3 ފްލޯގެ ސްޕޭސްގައި މީޑިއާ ވިލެޖަކާއި، އީ-ސްޕޯޓްސް ޔޫތު ސެންޓަރެއްގެ އިތުރުން ހެރިޓޭޖް ކޮލެޖާއި މެޑިކަލް ކޮލެޖު ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ހިނގަމުންނެވެ.




