”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ގައި ބޭނުންކުރުމަށް ހޮވާލެވުނު ގަދަ 5 ލޯގޯގެ ތެރެއިން އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް އާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ފުރުސަތު ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ގައެވެ.
އެ މުއްދަތު އޮކްޓޫބަރު 24 އަށް ހަމަވިިއިރު، ޖުމްލަ 22 ލޯގޯއެއް އެ ވުޒާރާއަށް ހުށަހެޅިއެވެ. ހުށަހެޅި ލޯގޯތައް ފަނޑިޔާރުން އިވެލުއޭޓްކުރުމަށްފަހު، އެންމެ ފުރަތަމަ 10 ލޯގޯއެއް ޝޯޓުލިސްޓުކޮށް ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް އާންމުންގެ ވޯޓަށް ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އެ 10 ލޯގޯއަށް ވޯޓުލުމުގެ މުއްދަތު އޮކްޓޫބަރު 29 ގެ ނިޔަލަށް ހަމަވިއިރު، މިހާރު ވޯޓަށް ހުޅުވާލާފައިވަނީ ފަނޑިޔާރުންގެ މާކްސް އަދި އާންމުންގެ ވޯޓުން އެންމެ ކުރި ހޯދި ގަދަ 5 ލޯގޯއަށެވެ. މި ފަސް ލޯގޯއަށް ވޯޓުދިނުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 11 ވާ ބުދަ ދުވަހުގެ ހަވީރު 18:00 އެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރުމަށް މިމަހުގެ 14 ވަނަ ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ. އަދި އެއްވަނަ ހޯދާ ލޯގޯ ފަރުމާކުރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިންގެ މެދުގައި އޮތް އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން ދިރުވައި އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި މި ދާއިރާގެ ތަޖުރިބާކާރު 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މި ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެހެން މީޑިއާތަކަށްވެސް ވަނީ ހުޅުވާލާފައެވެ.




