ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް އަދި ފަތުރުވެރިއަކަށް ވިޔަސް، އެއް ފެންވަރެއްގެ ޕްރޮފެޝަނަލް އަދި އޯގާތެރި ފުލުހުންގެ ޚިދުމަތެއް ލިބުމަކީ އަސާސީ ޙައްޤެއް ކަމަށާއި، ޖިއޮގްރަފީގެ ތަފާތަކީ ޚިދުމަތުގެ ފެންވަރު ކަނޑައަޅާ އަސާސަކަށް ވެގެން ނުވާނެ ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑީސީޕީ (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
މިފަދައިން ވިދާޅުވީ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލުމަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ ”އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026“ ގެ ބައިވެރިންނާ މުޚާޠަބުކުރައްވައެވެ.
މާލެއެކޭ އެއްފަދައިން އެކަހެރި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފުރިހަމަ އިޙްތިރާމާއި ސަމާލުކަމާއެކު ޚިދުމަތް ލިބެންޖެހޭނެކަން ފާހަގަކުރައްވައި، ހިތަދޫގައި އަނިޔާ ލިބޭ މީހަކާއި ތުރާކުނުގައި ހުންނަ ފަރާތަކަށްވެސް ލިބެންޖެހޭނީ އެއްވަރެއްގެ އަޅާލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގައި ހެއްކާއި ޓެކްނޮލޮޖީގެ އިތުރުން އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، ހައްޔަރުކުރުމާއި ތަޙުޤީޤީ ބާރުތަކަށްވުރެ މި ސިފަތައް މުހިންމުވާ ދަނޑިވަޅުތައް އަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ހިތާމައެއް ނުވަތަ އަނިޔާއެއް ލިބިފައިވާ މީހަކު އެހީތެރިކަން ހޯދާއިރު ބަލާނީ އޮފިސަރުގެ ރޭންކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނިއްޔަތުކަމަށް ކަމުގައި ފާހަގަކުރެއްވިއެވެ.
ކުށް މަދުކުރުމަށްޓަކައި ކުށް ހިނގުމުގެ ކުރިން މުޖުތަމަޢާ ގުޅިގެން ކުރާ ޕްރޯއެކްޓިވް މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ތަޖުރިބާގެ އަލީގައި އެކުލަވާލެއްވި ތިން މަރުޙަލާގެ ކޮމިއުނިޓީ މޮޑެލްގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މީގެތެރޭގައި ފްރަންޓްލައިން އޮފިސަރުން ސްކޫލްތަކާއި ބެލެނިވެރިންނާ ގުޅުން ބަދަހިކުރުމާއި، މިޑް-ލެވެލް މެނޭޖްމަންޓުން ކައުންސިލްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން އެގްޒެކެޓިވް ލެވެލްގައި މުޖުތަމަޢުގެ އިސް ފަރާތްތަކާ ވިލަރެސްކުރުން ހިމެނެއެވެ.
އަޚްލާޤާއި ސުލޫކާ ގުޅޭގޮތުން، ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށް ވިދާޅުވެ، ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އޮފިސަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެ، މުއައްސަސާގެ އަގުތައް ރައްކާތެރިކުރުމަށް އެދިވަޑައިގެންނެވިއެވެ.
މި ކޮންފަރެންސަކީ 2026 ނޮވެމްބަރު 8 އިން 10 އަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
.



