ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ވޯޓާ ތީމް ޕާކުގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރާއި ދޮޅު އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކިއެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި އޮތް މި ޕާކު ކުރިއަށް ގެންދާނެ ގޮތެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާ ސުވާލުކުރެއްވި ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތްތައް ފެށި، އެންމެ ލަސްވެގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެތަން ހަގީގަތަކަށް ވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު ނިމޭ ސަރަހައްދުގައި އޮންނަ ބޮޑު ބިމުގައި ހަދާ މި ޕާކުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ 2017 ވަނަ އަހަރުއެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް މެދުކެނޑުނު އިރު ވެސް، އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ފުރިހަމަކޮށްފައެވެ.
މި ތީމް ޕާކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ވޯޓާ ސްލައިޑްތަކާއި، ކިޑްސް ޕޫލް، ބަމްޕާ ބޯޓްސް، ވޯޓާ ރޯލާސް، އެކުއާ ލޫޕަސް، ފައުންޓޭން ސްކޮޔާ އަދި ރިވާގެ އިތުރުން އޯވާ ވޯޓާ ރެސްޓޯރެންޓަކާއި ސްޕާ އަދި ހޮޓަލެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޮޑު މަޝްރޫއެކެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގައި ޒުވާނުންނަށާއި ކުޅިވަރަށް ހާއްސަކޮށް ހިންގުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއްގެ ތަފްސީލު ވެސް ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން ހުޅުމާލޭގައި ޖާގަ ތަނަވަސް ބޯލިން އެރީނާއެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، އިންޑޯ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި އިންޑޯ ކުޅިވަރުތަކަށް ހާއްސަ ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ގޯ ކާޓް އޭރީނާއެއް މި ދައުރުގެ ތެރޭގައި ތަރައްގީކޮށް ނިންމާނެ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން މާލޭގައި އާކޭޑް ގޭމް ސެންޓަރަކާއި ކުޑަކުދިންގެ އިންޑޯ ކުޅޭ ތަންތަނުގެ އިތުރުން އީ-ގޭމިން ސެންޓަރުތައް ގާއިމުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މާލޭގައި ގާއިމުކުރާ ސާފިން ސްޓޭޑިއަމާއި، ޕާކިސްތާނު ސަރުކާރުގެ އެހީގައި އަޅާ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ ޕްލޭންތައް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.



