ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ”ކާނިވާ 44“ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މި ކާނިވާ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 11 އިން 14 ގެ ނިޔަލަށެވެ. ކާނިވާ އާންމުންނަށް ހުޅުވާލާފައި ހުންނާނީ އެ ތާރީޚުތަކުގެ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި، ކުޑަކުދިންނަށް ޚާއްސަ މަޖާ ކުޅިވަރުތައް ވަނީ ރާވާފައެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ މުދަލާއި ކާބޯތަކެތި ވިއްކުމަށް ގިނަ އަދަދެއްގެ ސްޓޯލްތައް މި ކާނިވަލުގައި ހުންނާނެ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ކޮންމެ ސްވައިޕް ޓްރާންސެކްޝަނަކަށް ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރި 5 ފަރާތަކަށް މެކްބުކް ނިއޯއެއް ދިނުމަށް ހަމަޖެހިފައިވާއިރު، 2 ފަރާތަކަށް ބެޓެރީ ސައިކަލެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.



