ރާއްޖޭގެ 6 ރަށެއްގައި ފެނާއި ނަރުދަމާގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ޙަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިޝް ޔޫސުފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ޙަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމާއި، ހއ. މޮޅަދޫއާއި، ރ. ކިނޮޅަހުގެ އިތުރުން ބ. މާޅޮހުގެ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާގެ ވިއުގަ ފުޅާކުރުމެވެ. މީގެ އިތުރުން ހއ. އިހަވަންދޫއާއި ރ. އިންނަމާދޫގައި އަލަށް އާބާދުވެފައިވާ ސަރަޙައްދުތަކަށް ފެނާއި ނަރުދަމާ ވިއުގަ ފުޅާކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއާ ވަނީ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ހއ. އުލިގަމުގައި ކުރިއަށްގެންދާ މަޝްރޫޢަށް 22.3 މިލިއަން ރުފިޔާ ޚަރަދުވާއިރު، ހއ. މޮޅަދޫގެ މަޝްރޫޢަށް 29 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މި ދެ ރަށުގެ މަސައްކަތްވެސް ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ.
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ފުޅާކުރުމުގެ މަޝްރޫޢަށް 18 މިލިއަން ރުފިޔާ ޚަރަދުވާއިރު، އެ ރަށުގެ މަސައްކަތްވެސް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އަދި ބ. މާޅޮހުގެ ޓޫރިޒަމް ޒޯނުގައި ކުރިއަށްގެންދާ މަޝްރޫޢަށް 10.7 މިލިއަން ރުފިޔާ ޚަރަދުވާއިރު، އެ މަސައްކަތް ނިންމުމަށް ދީފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.
މީގެ އިތުރުން، އަލަށް އާބާދުވި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އިހަވަންދޫގެ މަސައްކަތަށް 17 މިލިއަން ރުފިޔާ އަދި އިންނަމާދޫގެ މަޝްރޫޢަށް 19.1 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މި ދެ ރަށުގެ މަސައްކަތްތައް ނިންމުމަށްވެސް ކަނޑައަޅާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ.



