ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 1،000،000 (އެއް މިލިއަން) ރުފިޔާއަށް ވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން މި ފަރާތްތަކުގެ ނަންތައް މިހާރު ވަނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މިގޮތުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި، ޑިސެންބަރު 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަންޖެހި ނުދައްކާ ހުރި ފަރާތްތަކުގެ މައުލޫމާތެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތްތަކަށް ފޯނުން ގުޅައި ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ކަނޑައެޅިފައިވާ އަދަބުތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ފަރާތްތަކަށް އެކަން އަންގައި ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މީރާއިން ހާމަކުރި ގޮތުގައި، ޓެކުހުގެ ގޮތުގައި 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ނުދައްކައިގެން ނަން ހާމަކުރި ފަރާތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއާއި، މީޑިއާ ދާއިރާގެ އިތުރުން ހާޑްވެއާ ވިޔަފާރިކުރާ ފަރާތްތައް ހިމެނެއެވެ.
ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި އެ ފަރާތްތަކާމެދު އަޅަމުން ގެންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އަދި ޓެކްސް ބަޔާން ހުށަނާޅާ ހުރި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ފައިސާ ނުދައްކައިވާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދައްކައި ޚަލާސްކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.




