މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބެމުންދާނެ ކަމަށާއި، ގޭސް ސަޕްލައިއަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފިއެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ގޭސް ދޫކުރާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން ފުޅިތަކަށް ގޭސް އަޅައިދޭ އަދަދު މަދުކުރަން ނިންމީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
މި ނިންމުމާ އެއްގޮތަށް ނޮވެމްބަރު 7 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. އޭރު މޯލްޑިވް ގޭހުން ހާމަކުރި ގޮތުގައި އެ ފިޔަވަޅު އެޅީ ދަތިތަކާއެކުވެސް ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
މޯލްޑިވް ގޭހުން މިއަދު ބުނީ، އެލްޕީޖީ ގޭސް ސަޕްލައިއަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، މާދަމާއިން ފެށިގެން އެއްވެސް ބަދަލެއް ނެތި ފުރިހަމައަށް ގޭސް ލިބެމުންދާނެ ކަމަށެވެ.



