އެއްވުންތައް ބޭއްވުމުގައި އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން ކަންކަން އިންތިޒާމު ކުރުމަށާއި، ގާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންގެ ޚިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭތީ، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެއްވުމުގެ ތެރޭގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ބުންޏެވެ.




