ސިޔާސީ ޖަޒުބާތުތަކަށްވުރެ ޤައުމީ އިޚްލާޞްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ޙައްޤުގައި މަލާބާރީންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއްކުރެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިންގެ މަތިވެރި ޤުރުބާނީގެ މަތިން ހަނދާންއައުކުރައްވައި، ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ތާރީޚުން ފިލާވަޅު ލިބިގަނެ މުސްތަޤްބަލު އުޖާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މިގޮތުން، ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހިފައިއޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް އަމާޒު ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީއާއި އާރޯކަން ދެއްވައި، މި ލޮބުވެތި ވަޠަން އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.



