ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ އިފްތިތާހުކުރުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބާއްވާ ޖަލްސާގެ އިދާރީ އެންމެހައި ކަންކަން ފުރިހަމަކުރުމުގެ އިތުރުން، ޖަލްސާގެ ފުރިހަމަ ރިހާސަލްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މަޝްރޫއަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމް އަދާކުރުމުގެ ރިވެތި ސިފަ އާލާކޮށް ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފެށުމަށް ތައްޔާރުވަމުންދާ މުހިންމު ހަރަކާތެކެވެ. މި މަޝްރޫއު އަމަލީ ގޮތުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
މި މަޝްރޫއުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރާވައި، ވިލަރެސްކޮށް ހިންގުމަށްޓަކައި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން 9 މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި ގައުމީ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އަށަގެންފައިވާ އިސްލާމީ ރިވެތި އަދަބު އަހުލާގާއި، އެކަކު އަނެކަކަށް އޮންނަ އޯގާތެރިކަމާއި އިހުތިރާމް ކުރުމުގެ އަގުހުރި އާދަކާދަތައް އަދުގެ ދިވެހި ޖީލުތަކުގެ ކިބައިގައި އަލުން އާލާކޮށް ދެމެހެއްޓުމެވެ.



