ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫއާ ދެކޮޅަށް މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒަހާރަށް އާންމުންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ.
އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ރަސްމާލޭގައި ހިންގާ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް މަޝްރޫއާ ދެކޮޅަށް އެތައް ދުވަހަކަށް ދިގުލައިގެންދިޔަ ބޮޑު ކެމްޕޭނަކަށްފަހު މިރޭ އާޓިފިޝަލް ބީޗުގައި އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން ބޭއްވި މުޒާހަރާއަށް ނިކުތީ ގާތްގަނޑަކަށް 400 އެއްހާ މީހުންނެވެ.
މިރޭ 20:30 ގައި ފެށި މި މުޒާހަރާގައި ކުރީގެ ރައީސް ޔާމީން، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ފައްޔާޒް އިސްމާއިލް، އަދާލަތު ޕާޓީގެ ރައީސް ޝޭޙް އިމްރާންގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ބައިވެރިވިއެވެ.
މި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ކުރިން ބުނެފައިވަނީ، މި މަޝްރޫޢާ މެދު އާންމު ރައްޔިތުންގެ ނުރުހުން އޮތް މިންވަރު މިރޭގެ އެއްވުމުން ސާފުކޮށް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް، އާޓިފިޝަލް ބީޗަށް މިރޭ އެއްވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. މިރޭ ގެ އެއްވުމަށް ދިޔަ ”ސައުވީސް“ ގެ ނޫސްވެރިން އަންދާޒާ ކުރާ ގޮތުގައި މިރޭގެ އެއްވުމުގައި ބައިވެރިވެފައިވަނީ 450 އަށް ވުރެ މައަދު ބައެކެވެ. މިއީ އާންމުންގެ ތާއީދު އޮންނަ މައްސަލަތަކުގައި ސިޔާސީ ޕާޓީތަކުން ގޮވާލުމުން އާންމުކޮށް އެއްވާ މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން މަދު އަދަދެކެވެ.
މިރޭގެ އެއްވުމުގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރަސްމާލެ މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވާނެ ކަމަށާއި، ދިވެހި ބިން ބޭރުގެ ފަރާތްތަކަށް މިލްކުވެގެންދާނެ ކަމަށާއި އަދި ރާއްޖެއަށް އެހެން ދީންތަށް އަތުވެދާނެ ކަމަށެވެ. މީގެ އިތުރުން، މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫޢު ހިންގާ ސަރަޙައްދަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނުހިނގާނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ރަސްމާލެ ފަދަ މަޝްރޫއުތަށް ރެގިއުލޭޓްކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގައިވާ ގޮތުން، މިފަދަ މަޝްރޫޢުތަކުން ކަމުގައިވިޔަސް އަދި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ކަމުގައިވިޔަސް، އިސްރާއީލު ޕާސްޕޯޓު އޮންނަ އެއްވެސް ފަރާތަކަށް (ޑުއަލް ސިޓިޒަންޝިޕް އޮންނަ ފަރާތްތައްވެސް ހިމެނޭހެން) ރާއްޖެއިން އެއްވެސް މުދަލެއް ނުވަތަ ބިމެއް ނުގަނެވޭނެއެވެ.
މީގެ އިތުރުން، މި ސަރަޙައްދުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމާއެކު، އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއްގެ ގޮތުގައި މި ބިލުގައި ވަނީ ހިމަނާފައެވެ. އަދި މި ސަރަޙައްދުތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ހިނގާނެ ކަމަށާއި، އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ޤާނޫނު ތަންފީޒުކުރާނީ ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުން ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.




