އިމިގްރޭޝަންގެ އޮފިސަރުންނަށް ޗައިނާ ބަސް ދަސްވުމުން ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންނާ މުޢާމަލާތް ކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު އިމިގްރޭޝަންގެ އޮފިސަރުންނަށް ޗައިނާ ބަސް ކިޔަވައިދޭ ކޯހެއް ވަނީ ފަށާފައެވެ. މި ކޯހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ރާއްޖެ އަންނަ ބަޔަކީ ޗައިނާ މީހުން ކަމަށެވެ.
އެހެންކަމުން މިފަދަ ކޯހެއްގެ ސަބަބުން ޗައިނާ ފަތުރުވެރިންނާ މުޢާމަލާތް ކުރުމުގައި ކުރިއަށްއޮތްތަނުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އިމިގްރޭޝަން އޮފިސަރުންނަށް އިތުރު ބަހެއް ދަސްވެފައި ހުރުމުން ބޯޑަރުގަޔާއި އަދި އެހެނިހެން މަސައްކަތުގަ ފަސޭހަތަކެއް ވެގެންދާނެ – ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން ވަޙީދު
މި ކޯހުގައި ފުރަތަމަ ބެޗްގައި ކިޔަވައިދެނީ އިމިގްރޭޝަންގެ 17 އޮފިސަރުންނަށެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވީ މި ކޯހުގެ ސަބަބުން އިމިގްރޭޝަންގެ އޮފިސަރުންނަށް ޗައިނާ ބަސް އަދި އެގައުމުގެ ސަގާފަތާއި ގުޅޭ ކަންކަން މިހާރަށް ވުރެ ބޮޑަށް ދަސްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެކި ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ޗައިނާ ސަރުކާރުން ގެންދަނީ އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައްވެސް ކުރަމުންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
އަދި މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތްވެސް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.



