ހަކުރު ބަލި ތަހަންމަލްކުރާ މީހުންނަށް ހިތްވަރުދީ، މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ގިނަ ބަޔަކަށް ހަކުރު ބައްޔާއެކު ދިރިއުޅުމަކީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމާއި، ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚުތިޔާރުކުރުމުގެ އިތުރުން މުޅި އުމުރަށް ފަރުވާގެ މަތީގައި ދެމިތިބުން ކަމަށެވެ. އަދި ބައެއް މީހުންނަށް މިއީ ނުރައްކާތެރި ސިއްހީ ހާލަތްތައް މެދުވެރިވެ، ފުރާނައަށްވެސް ނުރައްކާވާ ފަދަ ހާލަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރާއިރު މިފަދަ ތަފާތު ތަޖުރިބާތައް ބަލައިގަނެ، ފުރާނަ ސަލާމަތްކުރުމަށް ދުރާލާ ފިޔަވަޅު އެޅުމާއި ބަލީގައި ތަހަންމަލުކުރަންޖެހޭ ވޭން ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އެގޮތުން، މި ބަލި ތަހަންމަލުކުރަމުންދާ ގާތް މީހުންނަށް ފަރުވާއާއި، ގަވާއިދުން ސްކްރީން ކުރުމަށް ހިތްވަރުދީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އިޚުތިޔާރުކުރުމަށް އެއްބާރުލުން ދިނުމަކީ ކޮންމެ މީހަކަށްވެސް ކޮށްދެވިދާނެ އަގުހުރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ ”ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވަމާ“ އެވެ. މި ޝިއާރުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، މި މަހުގެ 16 ވަނަ ދުވަހު ”އާލީ އެކްޝަން އޮން ޑައިބެޓީސް“ ފޯރަމް ބޭއްވުމުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑައިބެޓީސް ސެންޓަރު ގުޅިގެން ރ. އަތޮޅުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.



