ރާއްޖޭގައި ހަކުރުބަލި ތަހައްމަލު ކުރަމުންދާ 7000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ނެރުނު ރިޕޯޓުގައެވެ.
އެޗްޕީއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު 30 ގެ ނިޔަލަށް އެއްކޮށްފައިވާ ހޮސްޕިޓަލްތަކުގެ ހިސާބުތަކުން ދައްކަނީ ޓައިޕް 2 ޑައިބެޓީސްޖެހިފައިވާ 7000 މީހުންނާއި، ޓައިޕް 1 ޑައިބެޓީސް ތަހައްމަލުކުރާ 300 މީހުން ރާއްޖޭގައި އެބަތިބި ކަމެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދަމުންދާ ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.
ރާއްޖޭގެ އާބާދީގެ ސިއްހީ ހާލަތަށް އަލިއަޅުވާލަމުން އެޗްޕީއޭއިން ބުނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ މިހާރު ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުން ކަމަށާއި، އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ހަކުރުބަލި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ ”ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ“ މިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ’ޑައިބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް‘ ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޗްޕީއޭ އާއި މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ”މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް“ ގެ ނަމުގައި ޚާއްސަ ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.
ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައެކެވެ. މީގެ މައިގަނޑު ދެ ބާވަތެއް ވާއިރު، ޓައިޕް 1 އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ މިންވަރަށް ނުއުފެއްދުމުން ޖެހޭ ބައްޔެކެވެ.
އަދި އާންމުކޮށް ފެންނަ ޓައިޕް 2 ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ބަރުދަން އިތުރުވުމާއި، ފަލަވުމުގެ އިތުރުން ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސިއުލިން ރަނގަޅަށް ބޭނުންނުކުރެވިގެން ދިމާވާ ބައްޔެކެވެ.



