އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފުތިތާޙުކުރުމަށް މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މި މަޝްރޫޢު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ މާލޭގެ ދުވާ ޓްރެކް ދަނޑުގައެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ 21:00 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި ދުވާ ޓްރެކާ ދިމާ ބޭރުން ކަނޑުމަތީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުން ގާތްގަނޑަކަށް ތިން މިނެޓަށް ދެމިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
ދިވެހިންގެ މާތް އަޚްލާޤާއި އަދަބުވެރި ރީތި އުޅުމާއި އިޖުތިމާޢީ ގުޅުންތައް އަލުން އިޔާދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމުގެ މަޤްޞަދުގައި ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އެއް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.




