ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޝާއިޢުކުރި ސިފައިންގެ މަޖައްލާ، ”އައްޑަނަ“ގެ 40ވަނަ އަދަދު ނެެެރެފިއެވެ.
މި މަޖައްލާ ނެރުނީ ހއ.ދިއްދޫގައި ބޭއްވި ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
”އައްޑަނަ މަޖައްލާ“ގެ 40ވަނަ ޢަދަދު ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު ޝާއިޢުކުރަމުން ގެންދާ އައްޑަނަ މަޖައްލާއަކީ، ރަޖިސްޓްރީކޮށްގެން 2007ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ. މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައެވެ. މި އަހަރުގެ ނަޞްރުގެ ދުވަހު ޝާއިޢުކުރި އަދަދުގެ ތީމަކީ، ”ސިފައިންގެ ޤައުމީ ހިތްވަރު“އެވެ.
މި މަޖައްލާގައި، ރާއްޖޭގެ ފުންނާބުއުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނާއި ދުނިޔެ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުންތައް ހިމަނާފައިވެއެވެ.
މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓާއި އައްޑަނަ ވެބްސައިޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، ކިޔުންތެރިންނަށް މިހާރު އޮންލައިންކޮށް މަޖައްލާ ކިޔާލުމުގެ އިތުރުން ޑައުންލޯޑު ވެސް ކުރެވޭނެއެވެ.





1 Comment
އޮންލައިން ލިންކް؟