އެއްވެސް ގައުމަކަށް ތަރައްގީއާއި މޮޅު އިތުރުކަން ހާސިލުކުރެވެނީ އެ ގައުމެއްގެ ރައްޔިތުންގެ ކިބައިގައި ހުންނަ ރިވެތި އަހުލާގީ ސިފަތަކުގެ ސަބަބުން ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމާއި ގަދަރުކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމުގެ މަގުސަދުގައި ސަރުކާރުން އިސްނަގައިގެން ތައާރަފުކުރި ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަސްރޫއު“ ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ގައުމީ ހަރަކާތެއް ފެށުމުގެ މައިގަނޑު ބޭނުމަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި ހުރި އިސްލާމީ މާތް ސިފަތަކާއި އަހުލާގީ ހަމަތައް މުޖުތަމައުގައި އަލުން އާލާކޮށް ދިރުވުމެވެ. އަދި މިއީ ގައުމުގެ މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކުގެ ލާބަޔާއި މަންފާއަށްޓަކައި، އިންސާނީ ވަސީލަތް ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ނުހަނު މުހިންމު މަސައްކަތްޕުޅެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތާރީހަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެކި ޒަމާންތަކުގައި ރާއްޖެއަށް އައި ބޭރުގެ ދަތުރުވެރިން ދިވެހިން އަބަދުވެސް ސިފަކޮށްފައިވަނީ ހިތްހެޔޮ، ރިވެތި އާދަކާދަތަކަށް ލޯބިކުރާ ތަހުޒީބީ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ހަގީގީ ތަހުޒީބަކީ ހަމައެކަނި ބިނާކުރެވޭ އުސް އިމާރާތްތަކާއި ތަރައްގީގެ އުމްރާނީ މަސައްކަތްތައް ނޫން ކަމަށާއި، އޭގެ އަސްލަކީ މީހުންގެ އަހުލާގާއި، އެކަކު އަނެކަކާ މުއާމަލާތުކުރުމުގައި ގެންގުޅޭ ރިވެތި އުސޫލުތައް ކަމުގައި ވިދާޅުވިއެވެ.
އިހުތިރާމަކީ މުޖުތަމައެއްގެ ފުރާނަ ފަދަ އެއްޗެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ އަނެކާގެ އިހުސާސްތައް ދެނެގަނެ، އިންސާނީ ކަރާމާތް ހިމާޔަތްކުރުމުން އުފެދިގެން އަންނަ އެންމެ މަތިވެރި ސިފަ ކަމަށެވެ. މީގެއިތުރުން، އިހުތިރާމަކީ ފައިސާއިން އަގުނުކުރެވޭނެ، ދުލުން ބަޔާންކުރަން ދަތި މަތިވެރި ހަދިޔާއެއް ކަމަށާއި، އެފަދަ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމައަކީ ނަސީބުވެރި ބައެއް ކަމުގައި ވިދާޅުވިއެވެ.
މި މަސްރޫއުގެ މައިގަނޑު އެއް އަމާޒަކީ ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި އެކަކު އަނެކަކަށް ގަދަރުކުރުމުގެ ރިވެތި އާދަ ހަރުލެއްވުން ކަމަށްވާއިރު، ހުރިހާ ރައްޔިތުން ގުޅިގެން އިހުތިރާމްކުރާ މުޖުތަމައެއް ބިނާކުރުމުގައި އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.



