ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ”ކާނިވާ 44“ ގިނަ އަދަދެއްގެ އާންމުންގެ ބައިވެރިވުމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކާނިވާ ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 11 އިން 14 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތުގައި އެކި އުމުރުފުރާގެ މީހުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކުމަށް ގިނަ އަދަދެއްގެ ސްޓޯލްތައްވެސް މި ކާނިވަލުގައި ވަނީ ގާއިމުކޮށްފައެވެ.

މި ކާނިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ބީއެމްއެލްއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހެދި ކޮންމެ ފަރާތަކަށް ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. ކާނިވާ ނިންމުމުގެ ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ނަސީބުވެރި 5 ފަރާތަކަށް މެކްބުކް ނިއޯއެއް އަދި 2 ފަރާތަކަށް ބެޓެރީ ސައިކަލު ވަނީ ހަވާލުކޮށްފައެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި މި ކާނިވަލުގެ މައިގަނޑު މަގުސަދަކީ ބޭންކާއި އާންމު ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ކުދި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި އާއިލާތަކާއި އެކުވެރިން އެއްވެލައި، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީވެސް މިފަދަ ހަރަކާތެއް ބޭއްވުމުގެ މުހިންމު ބޭނުމެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

ބީއެމްއެލްއަަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް މާލެ ސަރަހައްދުގައި މިފަދަ ކާނިވާއެއް ބާއްވާފައިވާއިރު، މިދިޔަ އަހަރު އައްޑޫ ސިޓީގައިވެސް ބީއެމްއެލްއިން ވަނީ ކާނިވަލެއް ކުރިއަށް ގެންގޮސްފައެވެ.



