ފޭސްބުކުން ދިމާވި އަންހެނަކު ގެސްޓްހައުސްއަކަށް ގެންގޮސް ގަދަކަމުން ރޭޕްކުރި މައްސަލައެއް ސާބިތުވެ، ލ. މާބައިދޫ، ކަޑުރޯޅި، އިސްމާޢީލް ޖުމާން 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ރޭޕްކުރުމުގެ ކުށުގެ ދަޢުވާއެވެ.
އެ ދަޢުވާގައި ބުނެފައިވަނީ، 23 މާރިޗު 2022 ވީ ދުވަހުގެ ފަތިހު 05:00 އެހައިކަންހާއިރު މާލޭގެ ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށެވެ.
އަނިޔާލިބުނު ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ، ޖުމާންއާ ދިމާވީ ފޭސްބުކް މެދުވެރިކޮށް ކަމަށާއި، އެ ދުވަހުގެ ފަތިހު ސައިކަލު ދުއްވާލަން ދިއުމަށްފަހު އޭނާ ގޮވައިގެން ދިޔައީ ގެސްޓްހައުސްގެ ކޮޓަރިއަކަށް ކަމަށެވެ. އަދި އެ ކޮޓަރީގައި ހުއްޓައި ޖުމާން ގަދަކަމުން އޭނާ ރޭޕްކުރީ ކަމަށާއި، އެކަމާ ދެކޮޅު ހަދައި ތަދުވާކަމަށް ތަކުރާރުކޮށް ބުނުމުންވެސް ހުއްޓާލީ އޭނާއާ ކައިވެނިކުރާނެ ކަމަށް އެއްބަސްވުމުން ކަމަށްވެސް ހެކިބަހުގައި ބަޔާންކޮށްފައިވެއެވެ.
ދަޢުވާއަށް ޖަވާބުދާރީވަމުން ޖުމާން ވަނީ އަނިޔާލިބުނު ފަރާތާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށާއި ގެސްޓްހައުސްއަށް ދިޔަކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެތަނުގައި އެއްވެސް ޖިންސީ ޢަމަލެއް ހިންގާފައިނުވާނެ ކަމަށް ބުނެ އޭނާ ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ އަނިޔާލިބުނު ފަރާތުގެ ހެކިބަހުގެ އިތުރުން، ހާދިސާ ހިނގި ވަގުތު އޭނާ ދެއްކި ވާހަކަތަކާއި ފެނުނު އަނިޔާތަކާ ގުޅޭގޮތުން ހެކިން ދިން ހެކިބަހާއި، އައިޖީއެމް ހޮސްޕިޓަލުގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑޮކްޓަރުގެ ހެކިބަސް ހުށަހަޅާފައެވެ.
ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް، ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ރޭޕްކުރުމުގެ ކުށުން އިސްމާޢީލް ޖުމާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ މާއްދާގެ (ނ) ގެ ދަށުން 15 އަހަރުގެ މުއްދަތަކަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.



