މާލޭ ކޮމާޝަލް ހާބަރާއި ތިލަފުށި ކާގޯ ޓާމިނަލް ދެމެދު ކޮންޓެއިނަރު ބަދަލުކުރުމަށް އާ ފީތަކެއް ތައާރަފުކޮށް، މިއަދުން ފެށިގެން އެ ފީތައް ނަގަން ފަށައިފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލުން ބުނިގޮތުގައި މިއަދުން ފެށިގެން 20 ފޫޓުގެ ކޮންޓެއިނަރެއް މާލޭ ކޮމާޝަލް ހާބަރާއި ތިލަފުށި ކާގޯ ޓާމިނަލާ ދެމެދު ބަދަލުކުރުމަށް ނަގާނީ 1,500 ރުފިޔާ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ބަދަލުކުރުމަށް 3,000 ރުފިޔާ ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތައް ތަންފީޒުކުރަން ފެށުމުގެ ކުރިން ވިޔަފާރިވެރިންނާއި ކަސްޓަމަރުންނަށް އެކަން އަންގާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ބަދަލަކީ އެމްޕީއެލުން ހިންގަމުން އަންނަ ޕޯޓް މައިގްރޭޝަން ޕްރޮޖެކްޓްގެ ދަށުން، ތިލަފުށީގައި ދެމުން އަންނަ ހިދުމަތްތަކާއި އޮޕަރޭޝަންތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެކެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި މި އާ އުސޫލުގެ ސަބަބުން ކޮންޓެއިނަރު ބަދަލުކުރުމުގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ތިލަފުށީގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ މުދާ އަވަހަށް އަދި ރައްކާތެރިކަމާއެކު ބަދަލުކުރުމަށް މަގުފަހިވާނެއެވެ.
ޕޯޓް މައިގްރޭޝަން ޕްރޮޖެކްޓަކީ މާލޭ ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ވިޔަފާރި މުދާ ބޭލުމާއި ކާގޯގެ މައިގަނޑު ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޕީއެލްގެ ކަސްޓަމަރ ސާވިސްއާ ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.



