އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، 25 ފަންގިފިލާގެ އެޕާޓްމަންޓް ކޮމްޕްލެކްސެއް ޑިޒައިންކޮށް އަމިއްލަ ޚަރަދުގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާންކޮށްފިއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ 12،000 އަކަފޫޓުގެ ބިމެއްގައި ތަރައްގީކުރާ މި އިމާރާތުގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަ ހައުސިން ޔުނިޓުތަކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ މެނޭޖުމަންޓުގެ މައިގަނޑު އަމާޒަކީ ބިން ހަމަޖެހުމާއެކު މި މަޝްރޫއުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުމެވެ.



