ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި، ޚާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި ”އިހުތިރާމް“ ހިމެނުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ސީޕީ މިކަން އިޢުލާނު ކުރެއްވީ ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސީޕީ ވިދާޅުވީ، ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާ ގުޅިގެން، ފުލުހުންގެ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރޭގައި އެ މޮޑިއުލް ހިމެނުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ބަދަލުގެ ސަބަބުން، ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމުގެ އިތުރުން އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ދިވެހިންގެ ތެރޭގައި އިޚުތިރާމް އަދާކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙުކުރި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ރިވެތި އިސްލާމީ އަދަބު އަޚުލާޤާއި، އެކަކު އަނެކަކަށް އިޚުތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަދުގެ މުޖުތަމަޢުގައި ދިރުވައި އާލާކުރުމެވެ.




