ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ރަސްމީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ބާސެލޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާން އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމި މައިގަނޑު ސަބަބެއް ކަމަށް އެ ޕާޓީން ބުނެފައިވަނީ، އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވާ ތަރައްގީކުރުމަކީ އެ ޕާޓީ އުފެދުނު މައިގަނޑު މަގުސަދު ކަމަށް ވާތީއެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި، ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކޭތީ ކަމަށްވެސް އަދާލަތު ޕާޓީން ފާހަގަކުރިއެވެ.

މި ކޯލިޝަން އެކުލަވާލުމުގައި އަދާލަތު ޕާޓީގެ މަގުސަދުތަކަށާއި، ޕާޓީގެ މެންބަރުންގެ ހައްގުތަކަށާއި، ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު ޕާޓީގެ ރައީސަށް ދީފައިވާ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ރައީސް މުއިއްޒާއި ޕީއެންސީއާ އެކު ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ.




