ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރޯދަމަހާ ގުޅުވައިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން، ”އެސްޓީއޯ ރަމަޒާން ބާޒާރު 2027“ ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަން ފެށުމުގެ ގޮތުން 16 ނޮވެމްބަރު 2026 ވީ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 16 ނޮވެމްބަރު 2026 އިން ފެށިގެން 10 މާރިޗު 2027 ގެ ނިޔަލަށެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
މި އަހަރުގެ ރަމަޒާން ބާޒާރުގެ ދަށުން ހާއްސަ ކުރެވިފައިވާ ގިނަ އުފެއްދުންތަކަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެއިތުރުން، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދެ ހަފުތާއަކުން ގުރުއަތު ނަގައި، ހޮވޭ ދެ ފަރާތަކަށް 2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 5,000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާ ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި އިނާމު ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ލަކީޑްރޯއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށެވެ.

ރަމަޒާން ބާޒާރު ފެށުމާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި ބައިނަލްއަގުވާމީ މަޝްހޫރު ފްރެންޗައިޒް ”ކޮފީ ބީން އެންޑް ޓީ ލީވްސް“ ގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާންމުންނަށް ހުޅުވާލާފައެވެ. މިއީ ހުޅުމާލެއަށްފަހު، މާލޭގައި ހުޅުވުނު މި ބްރޭންޑުގެ ފުރަތަމަ އައުޓްލެޓެވެ.
މީގެއިތުރުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރަށް ބޮޑުކޮށް، އެ ސަރަހައްދުވެސް މިހާރު ވަނީ އާންމު ވިޔަފާރިއަށް ހުޅުވާލާފައެވެ.

އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ގޭބިސީތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެ ކުންފުނިން ބާއްވަމުން އަންނަ، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮމޯޝަނެކެވެ.




