މީގެކުރިން ވެރިކަންކުރި ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރުގައި ހާސިލްނުކުރެވޭ އެތައް ކަމެއް، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ހާސިލްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި ކާމިޔާބީތަކުގެ ތަފުސީލު ހާމަކުރުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ”ހަފުތާ 156“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ޤައުމުގައި ހަމަޖެހުން ގާއިމުކުރުމެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމާއެކު، ވަކި ފަރާތަކަށް ބުރަނުވާ ޚާރިޖީ ސިޔާސަތެއްގެ ދަށުން ހުރިހާ ޤައުމަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް އޮތް އިތުބާރު އަލުން ހޯދިފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއިން ވާހަކަދައްކަވަމުން، ޒާތީ އަދި ސިޔާސީ ކަންކަމުން އެއްކިބާވެ ސަރުކާރުން އިސްކުރަނީ ގައުމީ މަސްލަހަތު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ބޭނުމެއްގައި މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، ފަންތިއަކަށް ނުވަތަ މަގާމަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު އިންސާފު ގާއިމުކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އިގުތިޞާދީ ގޮތުން ވާދަވެރިން ޤައުމު ބަނގުރޫޓުވާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އިތުރު ލޯނެއް ނުނަގައި ދަރަނި އަދާކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކަށް ބުރޫއެރިޔަނުދީ، ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވިއެވެ.



