ފާއިތުވި ހަފުތާގެ ތެރޭގައި ރިޕޯޓުކުރި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަތަކުގައި ޖުމްލަ 630,573.34 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 402,658.34 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ފައިސާގެ 63.9 އިންސައްތައެވެ. މި މުއްދަތުގައި އަނބުރާ ނުހޯދި ވަނީ 227,915.00 ރުފިޔާއެވެ.
ފާއިތުވި ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަކީ:
- އީ-ކޮމާސް / އޮންލައިން ވިޔަފާރި: 13 މައްސަލަ (34.2%)
- ހުއްދަނެތި ހިންގި މުއާމަލާތްތައް: 9 މައްސަލަ (23.7%)
- ބުކިންގ ކެންސަލް / ރީފަންޑް ސްކޭމް: 6 މައްސަލަ (15.8%)
- ކަރަންސީ އެކްސްޗޭންޖް ސްކޭމް: 5 މައްސަލަ (13.2%)
- އިމްޕަރސަނޭޝަން ސްކޭމް: 4 މައްސަލަ (10.5%)
- އިންވެސްޓްމަންޓް ސްކޭމް: 1 މައްސަލަ (2.6%)
ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު، ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް ފައިސާ އަނބުރާ ހޯދަން އެދޭ މައްސަލަތައް އަދިވެސް އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ ހާދިސާތަކުގައި ސްކޭމަރުން ފޮނުވަނީ ސައްހަނޫން ޕޭމަންޓް ސްލިޕްތަކެކެވެ. ބޭންކް އެކައުންޓަށް ފައިސާ ވަންތޯ ކަށަވަރުނުކޮށް ރީފަންޑް ދިނުމުގެ ސަބަބުން، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ.
ޕޭމަންޓް ސްލިޕެއް ފެނުމަކީ ފައިސާ ޖަމާވިކަމުގެ ހެއްކެއް ނޫންކަން ހަނދާންކޮށްދެމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެކައުންޓަށް ފައިސާ ނުވަންނަ ނަމަ އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.




