ޒުވާނުންގެ ހަކަތަޔާ ނުލައި ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެކަން ފާހަގަކުރައްވައި، މާދަމާ ރާއްޖޭގެ މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ފާއިތުވި 3 އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ވަޠަނީ ޚިދުމަތާއި ޒުވާން ޚަޠީބުންގެ ޕްރޮގްރާމް މެދުވެރިކޮށް ޤައުމީ ލޯތްބާއި ރަނގަޅު އަޚްލާޤު ހުރި، ދީނީގޮތުން ހޭލުންތެރި ގިނަ ޒުވާނުންތަކެއް ތަމްރީނުކުރެވިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުޅިވަރުގެ ދާއިރާއިން ނެޓްބޯޅަ އަދި ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޕާކިސްތާނުގެ ހިލޭ އެހީގައި ކްރިކެޓް ސްޓޭޑިއަމެއް ތަރައްޤީކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގައި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން، އިޖުތިމާޢީ ރައްކާތެރިކަމާއި އިސްރަށްވެހިންގެ ނާދީ މެދުވެރިކޮށް މުޖުތަމަޢު ބަދަހިކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް 2 އަހަރުވެސް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުރިހަމައަށް ފުއްދުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.




