ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 26 އިން 28 އަށެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް އެކި ދާއިރާތަކުން ހުރި ވަޒީފާގެ ފުރުސަތުތައް ތައާރަފުކޮށްދީ، ވަޒީފާ ދޭ ފަރާތްތަކާ ސީދާ ބައްދަލުވެ ވާހަކަދެއްކޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ކެރިއާ ކައުންސެލިން ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާތަކުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ.
މި އެކްސްޕޯގެ ތެރެއިން ބީއެމްއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް އެ ބޭންކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ޒުވާނުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލުން ބުނެފައިވާ ގޮތުގައި، މި ބައިވެރިވުމަކީ ޒުވާނުން ބާރުވެރިކުރުވައި އެ ފަރާތްތަކުގެ މުސްތަގުބަލަށް މަގުފަހިކޮށްދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ދިވެހި ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްގީކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގައި ވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ބީއެމްއެލުން ވަނީ ބައިވެރިވެފައެވެ.




