ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން، ތިލަފުށީގައި ތަރައްޤީކުރާ އައު ޕޯޓުގެ ފުރަތަމަ ފިޔަވަހި ނިންމައި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު މާލޭގައި އޮތް ކުޑަ ޕޯޓު ތިލަފުށްޓަށް ބަދަލުވެގެންދާއިރު، އެއީ މިހާރަށްވުރެ 6 ގުނަ ބޮޑު ސަރަޙައްދެއް ކަމަށެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަކީ ތިލަފުށީ ޕޯޓު ބަދަލުކުރުމުގެ މަޝްރޫޢުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މާތް ﷲ ގެ ވާގިފުޅާއެކު އަންނަ އަހަރުގެ ނޮވެމްބަރަށް ފުރަތަމަ ފިޔަވަހި ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.
މީގެއިތުރުން އިޤްތިޞާދީ ދާއިރާ ފުޅާކުރުމަށް މިހާތަނަށް ނިންމާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ސަރުކާރާ ހަވާލުވިއިރު އޮތީ ދެބައިކުޅަ އެއްބައި ނިމިފައި ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމައި ހުޅުވުމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ހަނިމާދޫ އެއަރޕޯޓްގެ ނުނިމި އޮތް މަސައްކަތްތައްވެސް ނިންމައި މިހާރު ޚިދުމަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.



