އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގެ ރައްކާތެރިކަމަށް ޖަހާފައި ހުރި ސޭފްޓީ ނެޓް ނުވަތަ ފެންސް މަގުމައްޗަށް ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުންވެ ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުންބުނި ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:06 އެހައިކަންހާއިރުއެވެ.
ފުލުހުން ބުނިގޮތުގައި، ސޭފްޓީ ފެންސް ވެއްޓުމާ ގުޅިގެން މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެ ވަގުތު މަގުމަތީގައި ތިބި ބައެއް މީހުންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށާއި، އިމާރާތްކުރުމުގައި އަމަލުކުރަންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކޮށްފައިވޭތޯ ބެލުމަށްޓަކައި ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




