ދުންފަތުން ސަލާމަތް ކުރުމަށް ”ދަފަރާ“ ގެ ނަމުގައި ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ
މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ޚަލީލް އެވެ.
ހެލްތު މިނިސްޓްރީން ބުނީ ދަފަރާ ކެމްޕެއިންގެ މަގުޞަދަކީ ބެލެނިވެރިން ބާރުވެރިކުރުވާ ދުންފަތުގެ ނުބައި އާދައިން ކުޑަކުދިންނާއި ޒުވާނުން ޖީލު ރައްކާތެރިކޮށް ދުރުހެލިވުމަށް މަސައްކަތް ކުރުން ކަމަށެވެ.
މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތައް ގިނަކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މިހާރަކަށް އައިސް ވޭޕްކުރާ މީހުންވެސް ގިނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ ދުންފަތާއި އެއްވަރަށް ނުރައްކާތެރި އެއްޗެއްކަން ފާހަގަކުރައްވާ ޝީޝާބުއިން އިތުރުވެފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކުޑަކުދިން، އަދި ސްކޫލްކުދިން ދުންފަތާއި ދުރުުވުމަށް މައިންބަފައިން އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
”ދަފަރާ“ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ކޮންމެ އަތޮޅަކުންވެސް ވަކި ފަރާތްތަކެއް ތަމްރީނުކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފަރުވާ ދިނުމުގެ ނިޒާމް ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި ދުރުނޫން މުސްތަގްބަލެއްގައި ގާއިމް ވެގެން ދާނެކަން މިނިސްޓަރ ވަނީ ރޭ ހާމަކުރައްވާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ހާމަވެއެވެ.
ދަފަރާ ކެމްޕެއިންނަކީ އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.



